Saturday, March 14, 2015



 އިންޓާރވެންޝަން ޕްލޭނެއް ތައްޔާރުކުރަމާ - އިންކުލޫސިވް އެޑިޔުކޭޝަން 
ތަޢާރަފް
       
         ފުރަތަމަ ބައި (ސެކްޝަން އޭ) ގައި ހިމެނޭނީ ދަރިވަރާ ބެހޭގޮތުން ހޯދާ ޚާއްޞަ މަޢުލޫމާތު ތަކެކެވެ. މިގޮތުން ދަރިވަރުގެ ޕާސަނަލް މަޢުލޫމާތާއި، ދަރިވަރުގެ ޝައުގުވެރިކަމާއި، ދަރިވަރުގެ ކިޔެވުމަށް އަސަރުކުރުވާ ކަންކަމުގެ ހުލާޞާއަކާ އަދި ދަރިވަރުގެ މިހާރުގެ ފެންވަރު އަންގައިދޭ ލިޔެކިޔުންތަށް ހިމެނޭނެއެވެ.

         ދެވަނަ ބައިގައި ( ސެކްޝަން ބީ) ގައި ހިމެނޭނީ  ލިބުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރެވިފައިވާ އެނަލިސިސްގެ މައްޗަށް ތައްޔާރު ކުރެވޭ ޚުލާޞާއެކެވެ. އަދި މީގެ އިތުރުން ދަރިވަރުގެ ނަތީޖާ ރަނގަޅު ކުރުމަށް ބަލައިލަންވީ ކަންކަމާ ، ދަރިވަރަށް އިންކުލޫސިވް އެޑިޔުކޭޝަން ފޯރުކޮށްދިނުމުގައި ދިމާވާ ދަތި އުނދަގޫތަކާ، މިދަރިވަރަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާމެދު ރިސަރޗުގެ އަލީގައި އެވިޑެންސް ބޭސްޑްކޮށް އެހީވާން ބޭނުންވާ ދާއިރާތަކަށް އަލި އަޅުވާލުމެވެ.

ސެކްޝަން : އޭ
ދަރިވަރުގެ ޕްރޮފައިލް
   
ނަން

އެޑްރެސް

ޖިންސު

އުމުރު

ކްލާސް

ސްކޫލް

ބެލެނިވެރިޔާގެ ނަން

ދަރިވަރުގެ ޝައުޤުވެރިކަން
·        މޫދަށްއެރެން ވަރަށް ޝައުޤުވެރިވޭ، މޫދަށް ގޮސް ގިނަވަގުތު ހޭދަކުރަނީ ވެއްޔާ ކުޅުމުގައި ކަމަށް މަޢުލޫމާތު ލިބުނު
·        ޕާކަށް ދިއުމަކީވެސް ވަރަށް ކުރާހިތުންކުރާކަމެއް. ޕާކުގައި ގިނައިން ކުރަން ބޭނުންވާ ޙަރަކާތްތަކަކީ އުނދޯލި ހެއްލުމާއި ، ސީޝޯ އަދި ވެލިގަނޑާކުޅުން ކަހަލަ ކަންކަމެވެ.
·        ކާޓޫނުބެލުމަށް ވަރަށްބޮޑަށް ޝައުގުވެރިވާކަން ފާހަގަކުރެވުނު
·        ކުލަޖެއްސުމުގައި ޝައުގުވެރިވާކަން ފާހަގަކުރެވުނު
·        ކާޓޫނު ބަލަމުން ދާއިރު އެ ފެންނަ ތަކެތީގެ ނަންތައްކިޔުމަކީ ވަރަށް ޝައުޤުވެރިވާކަމެއް




ދަރިވަރު މިހާރު ހުރި ޙާލަތު

ދަރިވަރު މިހާރު ހުރި ޙާލަތަށް ބަލާއިރު ދިވެހި ، އިނގިރޭސި ، ހިސާބުގެ އަކުރުތައް ވަކިކުރާކަށް ނޭނގެއެވެ. އެހެންނަމަވެސް ކާޓޫނުތަކުން ދައްކާ ކެރެކްޓާ އަދި ތަކެތީގެ ނަންތައް ވަރަށް ރަނގަޅަށް އެނގޭކަން އޮބްޒަވޭޝަނުން ފާހަގަކުރެވުނެވެ. އަދި މި ދަރިވަރަކީ ކްލާސްތެރޭގައި އިޝާރާތުން ވާހަކަ ދެއްކުމަށް އިސްކަންދޭ ދަރިވަރެކެވެ. ފެންބޯން ، ފާޚާނާއަށް ދިއުން ފަދަ ކަންކަމުގައި ޓީޗަރު ގާތުގައި ބުނުމުގެ ބަދަލުގައި އައުޓިން ޕާސް ހޯދަން އަންނަކަން ފާހަގަވިއިރު، އެހެން ދަރިވަރުންނާ ގުޅިގެން މަސައްކަތް ކުރުމަށް ހުސައިން އަޚުނަފް ތަރުހީބު ނުދޭކަން ފާހަގަކުރެވެއެވެ. ދަރިވަރު ގިނަވަގުތު އަބަދުވެސް ބޭނުންވަނީ ކްލާސްތެރޭގައި އޮށޯވެލާ އެކި ދިމަދިމާލަށް ހިނގާލަހިނގާލައި އުޅޭށެވެ. ލިޓްރަސީ ނިއުމަރިސީ   ޓެސްޓްކުރުމުން، ރިޕޯޓު ފޯމުން ފެނުނު ގޮތާ ޚިލާފަށް އެއްވެސް އަކުރެއް ދަރިވަރަށް ފާހަގަކުރަން ނޭނގޭކަން ފާހަގަވިއެވެ. ދެވުނު ވާރކް ޝީޓުތައް ހަދައިފައިވަނީ ޓީޗަރުގެ އެހީތެރިކަމާ އެކުގަކަން ފާހަގަކުރަމެވެ.



ސެކްޝަން : ބީ
ދަރިވަރުގެ ކިޔެވުމަށް އަސަރުކުރާ ކަންތައްތަކުގެ ތެރެއިން ބެލެނިވެރިޔާ ފާހަގަކުރެއްވި ބައެއްކަންކަމުގެ ޚުލާސާއެއް
ދަރިފުޅުގެ ކިބައިން އާންމު އެހެން ދަރިވަރުންނާ ތަފާތު ހުންނަކަން ބެލެނިވެރިޔާއަށް ފާހަގަ ކުރެއްވުނީ ޕްރިސްކޫލުގައި ކިޔަވައި ދެއްވި ޓީޗަރުގެ ފަރާތުންކަން ބެލެނިވެރިޔާ އިންޓަވިއުގައި ފާހަގަކުރެއްވިއެވެ.  އެއީ ދަރިފުޅުގެ  އުމުރުން 5 އަހަރުގައެވެ. ބެލެނިވެރިޔާގެ ވާހަކައިން އެނގުނުގޮތުގައި ފުރަތަމަ ދަރިފުޅުވެސް ވާހަކަ ދެއްކީ އުމުރުން 5 އަހަރުގައި ކަމަށްވާތީ 2 ވަނަ ދަރިފުޅުވެސް ހަމަ އެ ދުވަސްވަރުގައި ވާހަކަދައްކަން ފަށާނެކަމަށް އޭރު ވިސްނުނެވެ. އެހެންނަމަވެސް އެކަމަކީ މައްސަލައެއްކަމަށް އޭރަކު ގަބޫލެއްނުކުރެވެއެވެ. މިހާރު އެކަމާ ގުޅޭ ގިނަ މަޢުލޫމާތު އެކިފަރާތްތަކުން ލިބިފައިވާތީ އެކަމަކީ ސީރިއަސް ކަމެއްގެގޮތުގައި ދެކޭކަމަށް ބެލެނިވެރިޔާ ހާމަކުރެއްވިއެވެ. އިތުރަށް ބެލެނިވެރިޔާ ފާހަގަ ކުރެއްވި ކަންކަމަކީ ކާންދިނުމަށް ވަރަށްގިނަވަގުތު ހޭދަކުރަން ޖެހޭކަމާ، މިގޮތުން ގާތްގަނޑަކަށް ކާންދޭ އިރަކު ދެގަޑިއެއްހާއިރު އެކަމުގައި ހޭދަކުރަންޖެހޭކަމެވެ. ކުޅޭއެއްޗެހި ގެނަސްދިނުމުން ގިނަފަހަރަށް އޭތި ރޫޅާލައިގެން ނުވަތަ ހަލާކު ކޮށްލައިގެން އެތަކެތީގެ އެތެރެ ބެލުމާ، އެކި ގޮތްގޮތަށް ކަށިގަނޑު ފަދަ ތަކެތި ބޭނުންކޮށްގެން ކުޅެންއުޅެއެވެ. ކުޅޭ އެއްޗެހީގެ ތެރެއިން ބޮޑަށް ބޭނުންވެގެން އުޅެނީ ވެހިކަލް އެވެ. ޢާއިލާގެ އެ ޢުމުރުގެ ކުދިންނާއެކު ކުޅެ އުޅުނުނަމަވެސް އެހެންކުދިންނާ އެކުވެގެން ކުޅުމުގެ ޚިޔާލު ނުހުނަކަމަށް ބެލެނިވެރިޔާ ފާހަގަކުރެއްވިއެވެ. ބެލެނިވެރިޔާގެ އިންޓަވިއުގައި ސްކޫލުގެ ފަރާތުން އެކަމުގައި ބޭނުންވާ އެހީއަކީ ކޮބައިތޯ ސުވާލުކުރުމުން މިފަދަ ދަރިވަރުން އެއް ކްލާހަކަށް ގެނަސް ގިނަ އެހީތެރިކަމެއްދީގެން ކިޔަވައި ދިނުމަށް އެދޭކަން ހާމަކުރިއެވެ.



ކުލާހުގެ ދަރިވަރުން ޙުސައިން އަހުނަފާމެދު ދެކޭގޮތް:
ޙުސައިން އަހުނަފާ ބެހޭގޮތުން ދެތިން ދަތިވަރަކާ ސުވާލުކޮށްލުމުން އެނގުނީ އެދަރިވަރުންވެސް ޙުސައިން އަހުނަފަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާކަމެވެ. އަދި ކްލާސްޓީޗަރުވެސް ދެއްވި މަޢުލޫމާތުގެ ތެރޭގައި ހުރިހާކުދިންވެސް ޙުސައިން އަހްނަފަށް އެހީތެރިވާކަން ފާހަގަ ކުރެއްވިއެވެ. ގްރޭޑް އެކެއްގެ ދަރިވަރުނެއްކަމަކު އެދަރިވަރުންގެ ތެރެއިން މިދެންނެވި ދަރިވަރުން ބަލައިގަންނަ ގޮތުގައި މިދަރިވަރަކީ  އެހީތެރިކަން ބޭނުންވާނެ ދަރިވަރެއްކަން ޤަބޫލު ކުރެއެވެ.

ދަރިވަރުގެ ލިޔުތަކާމެދު މަޝްވަރާކުރެވުނު ޑޮކްޓަރގެ ޚިޔާލު
ޙުސައިން އަހުނަފުގެ ހުރި ޑޮކްޓަރީ ލިޔުންތަށް ޑޮކްޓަރަކަށް ދައްކާ މަޝްވަރާކުރެވުނެވެ.  މަޝްވަރާ ކުރެވުނީ ޢާއްމު ބަލީގެ ޑޮކްޓަރަކާއެވެ. ރަށްފުށުގައި މިފަދަ ކަންކަމުގައި މަޝްވަރާކޮށްލަން ސްޕެޝަލިސްޓުން ލިބުމަކީ ވަރަށް ނާދިރު ކަމަކަށްވާތީ  ޢާއްމު ބަލިތަކުގެ ޑޮކްޓަރަކާ އެލިޔުންތައް ހިއްސާކޮށްލީ ބެލެނިވެރިޔާގެ އިޒުނަޔާއެކުކަން ފާހަގަކުރަމެވެ. ޑޮކްޓަރ ބެއްލެވުމަށްފަހު ވިދާޅުވީ ޙުސައިން އަހުނަފަކީ މައިލް އޯޓިސްޓިކް ކުއްޖެއްކަމުގައެވެ. އަދި ކޮންމެ އޯޓިސްޓިކް ކުއްޖަކީ މެންޓަލީ ރިޓަރޓެޑް ކުއްޖެއްނޫންކަމަށެވެ. ބައެއް މީހުން ހިތަށް އަރަނީ ކޮންމެ އޯޓިސްޓިކް ކުއްޖަކީ ސިކުނޑީގެ އުނިކަމެއް ލިބިފައިވާ ކުދިންކަމުގައި ޑރ ވިދާޅުވިއެވެ. ޙުސައިން އަހުނަފަކީ ފިޒިކަލީގޮތުން އޯޓިސްޓިކް ބައެއްކުދިންނާ އަޅާބަލާއިރު ވަރަށް ރަނގަޅު ޙާލެތެއްގައި ހުރި ދަރިވަރެއްކަން ޑޮކްޓަރ ފާހަގަ ކުރެއްވިއެވެ.  



ދަރިވަރުގެ ކިޔެވުމަށް އަސަރުކުރާ ކަންތައްތަކުގެ ތެރެއިން ކްލާސްޓީޗަރު ފާހަގަކުރެއްވި ބައެއްކަންކަމުގެ ޚުލާސާއެއް
ދަރިވަރާ ބެހޭގޮތުން ހޯދުނު ހޯދުންތަކުން އެނގެނީ މި ދަރިވަރަކީ ނޯމަލް ދަރިވަރުންނަށްވުރެ ސްކޫލުގައި ހޭދަކުރާ ވަގުތު މަދުކޮށްފައިވާ އަދި ކިޔަވައިދެވޭ މާއްދާވެސް މަދުކުރެވިފައިވާ ދަރިވަރެއްކަމެވެ.  ( ދަރިވަރު ކިޔަވާ މާއްދާ ތަކަކީ އިނގެރޭސި ، ހިސާބު އަދި ދިވެހި) އެންމެ ފުރަތަމަ ގްރޭޑް 1 ގެ ކިޔެވުން ފެށި ދުވަސްވަރު މި ދަރިވަރުވެސް އެހެން ދަރިވަރުންނެކޭ އެއްގޮތަށް ކްލާހުގައި ފުލްޓައިމް، އަދި ހުރިހާ މާއްދާއެއް ކިޔެވުމަށް ވަގުތު ހޭދަކުރިއެވެ. އެހެންނަމަވެސް އޭނައިގެ ކިބައިން ފޫހިވުމާއި ނުތަނަވަސްވުމުގެ  ޢަލާމާތްތަކެއް ތަކުރާރުކޮށް ފެނުނެވެ. މިގޮތުން ކްލާސްތެރޭގައި ދެކޮޅުދެކޮޅަށް ދުވުމާއި ، ހަޅޭއްލެވުމާއި، ޓައިލްސްމަތީ އޮށޯވެއޮވެ ހަށިގަނޑު އެނބުރުން ފަދަ ކަންކަން ކުރެއެވެ.  އަދި އެހެން ދަރިވަރުންގެ ކިޔެވުމަށް ކޮންމެވެސްވަރަކަށް ބުރޫއަރާ ޒާތުގެ ކަންކަން ތަކުރާރު ވާތީ ، ބެލެނިވެރިޔާއާއި ސްކޫލާ ވާހަކަދެކެވިގެން ބެލެނިވެރިޔާގެ ފުރިހަމަ ރުހުމުގައި އެ ދަރިވަރު ސްކޫލުގައި ހޭދަކުރެވޭ ވަގުތުވަނީ މަދުކުރެވިފައެވެ. މިގޮތަށް މިކަން ކުރުމުން އޭނާގެ ފުށުން ކުރިން ދެންނެވުނު "މިސްބިހޭވް" ޙަރަކާތްތަށް މަދުވެ، ކުރިއެރުން އޭނާގެ ކްލާސްޓީޗަރުގެ ފަރާތުން މަޢުލޫމާތު ލިބުނެވެ. އެހެންދަރިވަރުންނާ ގުޅިގެން އުޅެން ބޭނުން ނުވާ ދަރިވަރެއްކަންވެސް ޓީޗަރު ފާހަކުރިއެވެ. އަދި މީގެ އިތުރުން ދަރިވަރު ފާޚާނާއަށް ދިޔުން ، ފެންބޯން ދިއުން އަދި ބޭނުންވާ އެހެން ކަންކަމުގައިވެސް ނުބުނެ ހުރުން އެއީ އަހުނަފުގެ ފަރާތުން ޓީޗަރ ތަޖުރިބާކޮށްފައިވާ ކަންކަމެވެ.
ޓީޗަރުގެ ފުށުން އެގުނު ގޮތުގައި މިދަރިވަރަކީ ކިޔަވައިދޭ ތަކެތި ވަރަށް އަވަހަށް ހަނދާންނެތޭ ދަރިވަރެއްކަމަށް މަޢުލޫމާތު ލިބުނެވެ. މިކަމުގެ ސަބަބެއްކަމަށް ފާހަގަކުރެވެނީ ކުއްޖާ ބަރާބަރަށް ސްކޫލަށް ހާޒިރުވުމުގައި މައްސަލަތަކެއް ހުރުމުން ދުވަސް ތަކެއް މެދުކެނޑިގެން ދާތީ ކުއްޖާއަށް އެދެވޭގޮތެއްގައި އެހީތެރިވުމުގެ ފުރުޞަތު ޓީޗަރަށް ލިބިފައިނުވުމެވެ. ފުރަތަމަ ޓާމު ނިމުނު އިރު ލިޔަން ކިޔަންވެސް އެނގިފައި ހުރި ދަރިވަރު ގިނަ ދުވަސްތަކެއްގައި ސްކޫލަށް ނުފޮނުވުމުގެ ސަބަބުން މިހާރު ލިޔަން ކިޔަންވެސް ނޭނގޭކަން ކްލާސްޓީޗަރު ފާހަގަކުރެއްވިއެވެ. އަދި އިނގިރޭސި އަލްފަބެޓް އަކުރުތަކާ ހިސާބުގެ އަކުރުތައްވެސް މިހާރު ހަނދާނުގައި ނެތްކަން ކްލާސްޓީޗަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ގިނަ ޢަދަދެއްގެ ދަރިވަރުން ކްލާހުގައި ތިބޭތީ އެކުއްޖާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު އެންމެ އެދެވޭގޮތުގައި ޓީޗަރަށް ލިބިފައި ނުވުމަކީވެސް ކުއްޖާގެ އުނގެނުމަށް އަސަރުކުރާ ކަމެއްގެ ގޮތުގައި ކްލާސް ޓީޗަރ ފާހަގަ ކުރެއްވިއެވެ.
ވަޞީލަތުގެ ގޮތުން ބަލާއިރު އެފަދަކުދިންނަށް އެހީތެރި ވެވޭގޮތަށް ވަޞީލަތް ސްކޫލުގައި ޤާއިމުވެފައިނެތުމަކީވެސް ދިމާވެފައިވާ ދައްޗެކެވެ. އެހެންނަމަވެސް ލިބެންހުރި ވަޞީލަތް ބޭނުންކޮށްގެން އެކުއްޖާގެ ކިޔެވުމަށް ބަދަލެއްގެނެވޭތޯ މަސައްކަތްކުރެވޭކަން ފާހަގަކުރެވެއެވެ. މަސައްކަތަށް ވަރަށް އަވަހަށް ފޫހިވުމަކީވެސް އަހުނަފުގެ ހުންނަ ސިފައެއްކަމަށް ޓީޗަރުގެ ފަރާތުން އެނގުނެވެ.




ދަރިވަރުގެ ކިޔެވުމަށް އަސަރުކުރާ ކަންތައްތަކުގެ ތެރެއިން އަޅުގަނޑުގެ އޮބްޒަވޭޝަނުން ފާހަގަކުރެވުނު ކަންކަން
ފުރަތަމަ ފާހަގަކުރެވުނު ކަމަކީ ނަން އަހާލުމުން ޖަވާބު ދިނުމަށްފަހު ދަރިވަރު އޭނާގެ މަސައްކަތާ މަސްއޫލްވި ކަމެވެ. ދިން ޖަވާބު ސާފުނުވުމުން ތަކުރާރުކޮށް އެހުމުންވެސް ކޮންމެވެސް އެއްޗެއް ބުނާ އުސޫލުން ތުން ތެޅުވިކަން ފާހަވިއެވެ. އެހެން ނަމަވެސް ބުނާއެއްޗެއް ސާފުވާވަރެއް ނުވެއެވެ. މިކަމާ ގުޅިގެން ޓީޗަރާ ސުވާލުކޮށްލުމުން އެނގުނީ އަބަދުވެސް އަޑު އިވޭވަރަށް ޖަވާބުދޭނީ އެއްފަހަރު ކަމުގައެވެ. އެ ޖަވާބު ދޭފަހަރު ސަމާލު ނުވެވި ހުރެއްޖެނަމަ އެ ސުވާލުގެ ޖަވާބު ސާފު ވުމަކީ ދަތިކަމެކެވެ. އެހެން ނަމަވެސް ފާހަގަ ކުރެވޭ ރަނގަޅު ތަންކޮޅަކީ އަޑު އިވޭވަރަށް ނޫނަސް ސުވާލަށް ރެސްޕޯންޑް ކުރާކަމެވެ. ދަރިވަރުގެ އޮބްޒަވޭޝަނުން ފާހަގަކުރެވުނީ ދަރިވަރަކީ ކުލަޖެއްސުމަށް ވަރަށް ޝައުޤުވެރިވާ ދަރިވަރެއްގެ ގޮތުގައެވެ. އެހެންނަމަވެސް އެހެންކުދިން ކައިރިވުމުން އަދި ވާހަކަ ދެއްކުމުންވެސް އެ ދަރިވަރަށް އުނދަގޫ ވާކަން ފާހަގަ ކުރެވުނެވެ. އަދި މީގެ އިތުރުން ދަރިވަރު ބޭނުންވާ ބައެއް ކަންކަން އިޝާރާތުން ދައްކާކަން ފާހަގަކުރެވުނެވެ. އޮބްޒަވޭޝަނުގެ ތެރޭގައި އެދަރިވަރު ވަކިން ގެނެސްގެން މަސައްކަތެއް ދިނުމުން ވަރަށް ރަނގަޅަށް މަސައްކަތް ނިންމާލިކަން ފާހަގަކުރެވުނެވެ. ޓީޗަރުގެ ފަރާތުން ލިބުނު މަޢުލޫމާތުން އެނގުނު ގޮތުގައި ގިނަވެގެން ދުވާލަކު އެއްމަސައްކަތް ނިންމުމަށްފަހު އިތުރަށް މަސައްކަތް ނުކުރާކަން ފާހަގަ ވިއެވެ. އެހެންނަމަވެސް އަޅުގަނޑު އޮބްޒަވޭޝަނުގައި ވަކިން ގެނެސްގެން 4 މަސައްކަތް އަހުނަފު ލައްވާ އެއްދުވަހުން ކުރުވުނެވެ. މިކަމުގައި އަޅުގަނޑު ކަންކުރި ގޮތަކީ، ކޮންމެ މަސައްކަތެއް ނިމުމުންވެސް ކާޓޫނުން ތަންކޮޅެއް ދައްކާލަނީއެވެ. އަހުނަފަކީ ވަރަށް ކާޓޫނު ބަލަން ޝައުޤުވެރިވާ ކުއްޖެއްކަމުން ވަރަށް ފަސޭހަކަމާއެކު 4 މަސައްކަތްވެސް ނިންމާލިއެވެ. ދެން ފާހަގަ ކުރެވުނު އަނެއްކަމަކީ ދެވަނަ ދުވަހު ކްލާހުގެ ދޮރުމައްޗަށް އެރުމާއެކު އަހުނަފު އަޅުގަނޑަށް ބަލައިލާފައި ޓާޓާކިޔާލިއެވެ. އަދި އޭނަ އަޅުގަނޑާއެކު އަންނަން ބޭނުންވެގެން އުޅުމުން ކްލާހުގައި އެވަގުތު ހުންނެވި ޓީޗަރު ތައްޔާރުކޮށްފައި ހުރި މަސައްކަތްތަށް އަޅުގަނޑާ ޙަވާލު ކުރެއްވިއެވެ. އެދުވަހުވެސް އަހުނަފް ހުރިހާ މަސައްކަތެއް ނިންމިކަން އަޅުގަނޑު ފާހަގަކުރަމެވެ. ދެން ފާހަގަކުރެވ ކަމަކީ އަހުނަފަށް އިނގިރޭސިއާއި ހިސާބުގެވެސް އަކުރުތައް ލިޔަންކިޔަން ނޭނގޭކަމެވެ.
        އޮބްޒަވޭޝަނުން ފާހަގަވި އަނެއްކަމަކީ ޙުސައިން އަހުނަފަށް ދޭންވާ އިންޑިވިޖުއަލް އެޓެންޝަން  ޓީޗަރަށް ދިނުމަށް ދަތި ތަކެއް ހުރިކަމެވެ. ކްލާހުގައި 24 ދަރިވަރުން ތިބޭއިރު  ޚާއްޞަ އެހީއަށް ބޭނުންވާ 2 ދަރިވަރަކު ކްލާހުގައި ތިބެއެވެ. މިއާއެކު އެވަރެޖް ކުދިންނާ ، އެވްރެޖަށްވުރެ ދަށް ކުދިންނާ ،ގިފްޓަޑް ކުދިންވެސް ކްލާހުގައި ތިބިކަން ފާހަގަ ކުރެވެއެވެ. މި ހުރިހާ ކުދިންނަށް އެހީތެރިކަން ދޭން ޓީޗަރު ބޭނުންވިޔަސް އެންމެ އެދެވޭ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވޭކަށް ނޯވެއެވެ. އިތުރު ޓީޗަރެއް ކްލާހުގައި ހުންނަމަމަ އަހުނަފަށްވެސް އިތުރު އެހީތެރިކަން ލިބިގެން ދާނެކަން ފާހަގަ ކުރެވެއެވެ.

އޯޓިޒަމަކީ ކޮބައި؟
އަޅުގަނޑު އިޚްތިޔާރުކުރި ދަރިވަރަކީ އޯޓިސްޓިކް ދަރިވަރެއްކަން އެ ދަރިވަރުގެ ޑޮކްޓަރ ލިޔުންތަކުން އެނގިފައިވެއެވެ. އެހެންކަމުން އޯޓިޒަމަކީ ކޮބައިކަން މިޕްރޮގްރާމުން އެނގެޖެހޭކަން އަޅުގަނޑު ދެކެމެވެ.
"އޯޓިޒަމް އަކީ ކުއްޖާގެ ހެދިބޮޑުވުމުގައި ހުންނަ ނުކުޅެދުންތެރިކަމެކެވެ. ކަމާބެހޭ މާހިރުން ބުނާގޮތުގައި މިކަން ކުއްޖާގެ ކިބައިން ފާޅުވާން ފަށާނީ ކުއްޖާގެ ޢުމުރުން ފުރަތަމަ ތިން އަހަރު ތެރޭގައެވެ. އޯޓިޒަމްއަކީ ނިއުރޮލޮޖިކަލް ޑިސްއޯރޑަރ (ނާރުތަކުގެ ބައްޔެއްގެ) ސަބަބުން ކުއްޖާގެ ސިކުނޑިއަށް އަސަރުކޮށްފައި ވުމުން، ވާހަކަދެއްކުމާއި އިޖުތިމާޢީގުޅުން ހީނަރުވާ ކަމެކެވެ. އޯޓިޒަމް ހުންނަ ކުދިންނަކީ (ނުވަތަ އޮޓިސްޓިކް ކުދިންނަކީ) ޙަރަކާތުން ވާހަކަދެއްކުމާއި، އެކަކު އަނެކަކާ ދެމެދު އޮންނަ ގުޅުމާއި އަދި އެކިއެކި އެއްޗެހި ބޭނުންކުރުމުގައި ތަފާތު ގޮތްތަކެއް ގެންގުޅޭ ކުދިބައެކެވެ" ( އައިމިނަތު ރިޒްނާ 2013)
އޯޓިސްޓިކް ކުދިންގެ އިޖުތިމާޢީ ގުޅުން އެހެނިހެން ކުދިންނާ އަޅާބަލާއިރު ވަރަށް ތަފާތު ގޮތްތަކެއް ހުރެއެވެ. މިފަދަ ކުދީންގެ ދުވަހުގެ ޙަރަކާތްތަކަށް މާބޮޑު ބަދަލުތަކެއް އައިސް ހުންނަ ކަމަކަށް ނުބެލެވެއެވެ. އެފަދަކުދީންގެ ޙަރަކާތްތައް ހުންނަނީ އެއްގޮތަކަށެވެ. މިފަދަކުދީންގެ ބިހޭވިޔާ ބަދަލުވުމަށް ގިނަ ދުވަސްތަކެއް ނަގާކަން ބައެއް ލިޔުންތެރިން ފާހަގަކުރެއެވެ.
މިފަދަ ދަރިވަރެއްގެ ބަސްމޮށުން ތެރިކަމާ ހުނަރު، ބަރޯސާވާނީ އެކުއްޖެއްގެ ކިބައިގައިވާ އޯޓިޒަމުގެ މިންވަރަކަށެވެ.
އޯޓިސްޓިކް  ހުންނަ ކުދިންނަށް އެހެން ދަރިވަރުންނާ ، އެ ދަރިވަރުގެ ބެލެނިވެރިންނާ، ޓީޗަރުންގެ  އިޙުސާސްތައް ދެނެގަތުމަކީ ވަރަށް އުދަނގޫ ކަމެކެވެ. އެކުދިން އެހެންމީހުންނާ މެދު ހަމްދަރުދީވެވޭނީ އާދައިގެ މީހުންނާ އަޅާބަލާއިރު ވަރަށްކުޑަ މިންވަރަކަށެވެ. އޮޓިސްޓިކް ކުދިންނަކީ ކަމެއްވުމުން އެކަމެއް ތަކުރާރުވުމަށް އުއްމީދުކުރާ ބައެކެވެ. ދުވަސްތައް އެއްގޮތަކަށް ބައްޓަންކުރުމަކީ އެކުދިން ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ.
އޯޓިޒަމް އަކީ އުމުރަށް ދިގުދެމިގެންދާ ފަދަ ނުކުޅެދުންތެރިކަމެކެވެ. މި ނުކުޅެދުންތެރިކަމުގެ ސަބަބުން، މީހާ އަށް މަޢުލޫމާތުތައް ލިބިގަންނަ ގޮތާއި އޭނާގެ ވަށައިގެން ހިނގަމުން އަންނަ ކަންތައް އިޙްސާސް ކުރުމުގައި އުނދަގޫތަކެއް ދިމާވެއެވެ." ( ޕްރޮފެސަރ ހަސަން އުގައިލް 2013 )  ބައެއްފަހަރަށް އޯޓިސްޓިކް ކުދިން އެކުދިންގެ ގައިގައި އަތްލުމުން ނުވަތަ ލޯބިން ބައްދާލުމުން ހިތްހަމަނުޖެހިދާނެއެވެ. އެހެންނަމަވެސް ގިނަ އޮޓިސްޓިކް ކުދިން އެކުދިންގެ ޢާއިލާ ކުދިންނާ ބައްދާލުމުން ނުރުހޭގޮތް ނުދައްކަފާނެއެވެ. އޯޓިސްޓިކް ކުދީންނަކީ އެހެން މީހުންނާ ޚިލާފު އިޙްސާސްތަކެއް ކުރާ ބައެކެވެ. މިސާލަކަށް ނޭނގި މީހަކު އެއިން ކުއްޖެއްގެ ގައިގައި ބީހިލިކަމަށް ވިޔަސް އެކުއްޖާ އެކަން ވަރަށް ތަފާތު ނަޒަރަކުން ނަގައިގަތުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އެހެންމީހުންގެ ނުވަތަ ކުދީންގެ އިޙްސާސްތައް އެކުދީން ދެނެގަތުމުގެ ޤާބިލްކަން ލިބިފައިވާ މިންވަރު ވަރަށް ދައްކަން ފާހަގަ ކުރެވެއެވެ.
މުޢާމަލާތްކުރުމާއި ބެހޭގޮތުން ބައެއް ލިޔުންތެރިން ދެކޭގޮތް:
          އަޅުގަނޑު މި ރާވާ ޕްރޮގްރާމްގެ މަޤްޞަދުގައި އަލިއަޅުވާލެވިފައި ވަނީ ދަރިވަރުގެ މުޢާމަލާތް ކުރުމުގެ ހުނަރު ތަރައްޤީކުރުމުގެ ގޮތުންނެވެ. އެހެން ކަމުން މުޢާމަލާތް ކުރުމާ ބެހޭގޮތުން އެކަމުގެ މާހިރުން ދެކޭ ބައެއްކަންކަން މިއެސައިންމެންޓުގައި ފާހަގަކުރުމަކީ މުހިއްމުކަމެއްކަމަށް އަޅުގަނޑު ދެކެމެވެ.
          އިންސާނުންގެ މުޢާމަލާތު ބިނާވެފައިވަނީ ވާހަކަދެއްކުމަށެވެ. ޓާނީ (1992) ބުނާގޮތުގައި މުޢާމަލާތް ކުރުމަކީ "އެއްފަރާތުން އަނެއްފަރާތަށް ދޭހަވާގޮތަށް، މެސެޖެއް ނުވަތަ ކަމަކާމެދު ވިސްނާގޮތެއް ޙިއްސާކުރުމެވެ." ކްލާސްރޫމުގެ މާޙައުލަށް ވިސްނާއިރު މުޢާމަލާތް ކުރުން 3 ބަޔަކަކަށް ބަހާލެވިދާނެއެވެ.
·        ބަހުގެ ހުނަރު ބޭނުންކޮށްގެން މުޢާމަލާތްކުރުން
·        އިޖުތިމާޢީ ހުނަރުބޭނުންކޮށްގެން މުޢާމަލާތްކުރުން
·        ވިސްނުމުގެ ހުނަރު ބޭނުންކޮށްގެން މުޢާމަލާތްކުރުން
ބަސްބޭނުންކޮށްގެން ދެގޮތަކަށް މުޢާމަލާތްކުރެވިދާނެއެވެ. އެއީ އަނގަބަހުން މުޢާމަލާތްކުރުމާއި، އަނގައިން ނުބުނެ މުޢާމަލާތްކުރުން މީހަކު އަނގަބަހުން ވާހަކައެއްބުނާއިރު އޭނާގެ ފަރާތުން ހަށިގަނޑުގެ އެކިއެކި އިޝާރާތް އަދި މޫނުމަތީގެ ކުލަވަރުތައް ފެންނާނެއެވެ. މާނަ ދޭހަކޮށްދިނުމުގައި މީހާ ބުނާ އެއްޗެއްގެ އިތުރުން އޭނާ އެ ވާހަކަ ބުނި ގޮތްވެސް ބޮޑު ރޯލެއް އަދާކުރެއެވެ. ޙުސައިން އަހުނަފުގެ މުޢާމަލާތްކުރުމުގެ ހުނަރު ޢުމުރާ ބަލާއިރު ވަރަށް ބޮޑަށް ދައްކަން ފާހަގަ ކުރެވެއެވެ. މި ދަރިވަރުގެ މުޢާމަލާތްކުރުމުގައި ޙަރަކާތުން ކަންކަން ޙާސިލްކުރަން މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ. މިދަރިވަރާ މުޢާމަލާތްކުރުމުގައި ޓީޗަރުންވެސް އަދި އާއިލާއިންވެސް ބޮޑަށް ބަލަންވީ ހަށިގަނޑުގެ ޙަރަކާތްތައް ހިމެނޭގޮތަށް ގިނައިން ވާހަކަދެއްކުމާއި ، ދަރިވަރަށް ސުވާލުކުރުމުގެ ޙާލަތްތަށް ތަނަވަސް ވާނެގޮތަށް ފިލާވަޅުތަށް ރޭވުމެވެ.
 ގިނަ ހޯދުން ތަކުން ފެންނަގޮތުގައި ގިނަވަގުތު ކްލާސްރޫމުތަކުގައި މުޢާމަލާތް ކުރަނީ ޓީޗަރެވެ. (ފުލެންޑާސް 1970 އަދި ބެޓަން 1984) އަދި އިތުރަށް ފާހަގަކުރެވުނު ގޮތުގައި މިވާހަކަ ތަކުގެ ބޮޑުބަޔަކީ ޓީޗަރުން ކްލާސްރޫމު އިންތިޒާމުކުރުމާއި ކްލާސްރޫމުގެ މަސައްކަތް އިންތިޒާމުކުރުމަށްޓަކައި ދެކެވޭ ވާހަކަތަކެވެ. މިދަރިވަރަކީ ވާހަކަ ދެއްކުމުގައި އުނދަގޫތަކެއް ހުންނަ ދަރިވަރެއްކަމުން މިދަރިވަރުގެ ޙަރަކާތްތަކުގައި ޓީޗަރުގެ ވާހަކަ ދެއްކުން މަދުކޮށް ދަރިވަރަށް ވާހަކަ ދެއްކުމުގެ ފުރުސަތު ހޯދައި ދިނުމަކީ މުހިއްމުކަމެއްކަމަށް އަޅުގަނޑު ދެކެމެވެ. އަދި ދަރިވަރު ވާހަކަ ދެއްކުމަށް މަގުފަހިވާގޮތަށް ލެސަންތައް ފަރުމާކުރުމަކީވެސް ބޭނުންތެރިކަމެކެވެ. މިސާލަކަށް ގިނަ ސުވާލު އުފެއްދޭގޮތަށް  ތަފާތު ފޮޓޯތައް ބޭނުންކޮށްގެން ލެސަން ތައްޔާރުކުރުމެވެ. އެގޮތުން މީހަކު ވީލް ބަރޯއެއް ފުރެންދެން ސާމާނު އަޅައިގެން ދާ މަންޒަރު ފޮޓޯއަކުން ދެއްކިދާނެއެވެ. ހަމަ އެއާއެކު  ދެވަނަ ފޮޓޯއެއްގައި އެމީހާގެ އަތުން އެވީލްބަރޯ ފުރޮޅާލާ މަންޒަރު ދެއްކިދާނެއެވެ. އެއިރުން އެކަމާ ގުޅޭގޮތުން ބައިވަރު ސުވާލު ދަރިވަރުވެސް ކުރިމަތި ކުރުވާނެއެވެ. އެއިރުން ދަރިވަރަށް ގިނައިން ވާހަކަ ދެއްކުމުގެ ފުރުޞަތު ކްލާހުގެ ތެރޭގައި ތަނަވަސް ކޮށްދެވިގެން ދާނެއެވެ. ހަމަ އެހެންމެ ގޭތެރޭގައިވެސް މިފަދަގޮތަކަށް މާހައުލު ތަނަވަސް ކޮށްދިނުމަކީ މުހިއްމު ކަމެކެވެ.


މުޢާމަލާތް ކުރުމާ ބެހޭގޮތުން ދިރާސާ ކުރައްވާފައިވާ ބޭފުޅެއްކަމަށްވާ ލާސްވެލް (1948) ފަސޭހައިން މުޢާމަލާތް ކުރުމަށް ފަސޭހަވާނެ ގޮތެއްކަމަށް ބެލެވޭކަމަށް ލިޔުއްވާފައިވާ ފަސްކަމެއް ފާހަގަވެއެވެ. އެއީ؛

1.     ކާކުބުނީ؟
2.     ކާކު ގާތުގައި ބުނީ ؟
3.     ކޮން ވާހަކައެއް ބުނީ؟
4.     ކިހިނެއް ބުނީ ؟ (ލިޔުމަކުންތޯ ނުވަތަ ދިމާލަށްތޯ)
5.     ކޮންކަމެއްވީ ބުނުމުން؟
ޙުސައިން އަހުނަފުގެ ޙާލަތުގައި މިފަދަގޮތަކަށް ކުރު ސުވާލު ތަކުރާރުކޮށް ކުރެވޭގޮތަށް ޓީޗަރުންގެ ލެސަން ޕްލޭން ރޭވުމަކީ ވަރަށް މުހިއްމުކަމެކެވެ. އަހުނަފަކީ އުމުރުން 7 އަހަރުގެ ދަރިވަރެއްކަމުން ވާހަކަ ދެއްކުމުގައި 7 އަހަރުގެ ލެވަލް ހުންނަން ޖެހޭނެކަމަށް ބަޔަކު ދެކުނަސް އެކަން އެގޮތަށް ނުހުރުމަކީވެސް އެކަށީގެން ވާނެކަމެއްކަން ޤަބޫލުކޮށްގެން ޙުސައިން އަހުނަފުގެ ލެވެލްއަށް ފިލާވަޅުތައް ދައްކޮށްގެން ހެދުން އެއީ ރަނގަޅު ގޮތެއްކަމަށް އަޅުގަނޑު ދެކެމެވެ.
ދަރިވަރުގެ ހުރި ޤާބިލްކަން
·        ކުރެހުމާއި ކުލަޖެއްސުން ކްލާހުގެ އެހެން ދަރިވަރުންނާއި އެއް ލެވެލްގައި ހުރިކަން.
·        ހެލިފެލިވެ އުޅުން އެ ކްލާހުގެ އެހެން ދަރިވަރުންނާ އެއްލެވެލްގައި ހުރިކަން.
·        ކާޓޫނު ބަލަމުން ދާއިރު ކާޓޫނުން ފެންނަ ތަކެތީގެ ނަންތައް ވަރަށް ރަނގަޅަށް އެނގޭކަން.
·        ތަކެތި ކެފުމުގެ ހުނަރު އެހެން ދަރިވަރުންނަށްވުރެ ރަނގަޅުކަން. އަދި އެކަމަކީ ވަރަށް ޝައުގުވެރިކަމާއިއެކު ކުރަން ބޭނުންވާ ކަމެއްކަން.


ދަރިވަރުގެ ކިޔެވުމަށް އަސަރުފޯރުވާ ކަމަށް ޤަބޫލުކުރާ ހުރަސްތައް
·      އެހެން ދަރިވަރުންނާ ގުޅުންކުޑަކަން ފާހަގަކުރެވެއެވެ. އެކަމުގެ ސަބަބުން ގްރޫޕް މަސައްކަތްތަކުގައި އެންމެ އެދެވޭގޮތުގައި ބައިވެރިވަމުން ނުދާކަން ފާހަގަކުރެވިފައިވެއެވެ.
·        އިންޑިވިޖުއަލު އެހީތެރިކަން ނެތި މަސައްކަތް ނުކުރާ ދަރިވަރެއްކަން ފާހަގަކުރެވިފައިވެއެވެ.
·         ކްލާސްޓީޗަރުގެ އިންޓަވިއުންނާއި ، އަޅުގަނޑުގެ އޮބްޒަވޭޝަނުން ފާހަގަކުރެވުނީ ކްލާހުގައި 24 ދަރިވަރުންނަށް ކިޔަވައިދިނުމަށް އެންމެ ޓީޗަރަކު ހުރުމުގެ ސަބަބުން އެދެވޭގޮތެއްގައި މިދަރިވަރަށް އަޅާނުލެވޭކަމާއި، އަދި މީގެ އިތުރުން ކިޔެވުމަށް ދަށް ހައެއްކަ ދަރިވަރުން އެ ކްލާހުގައި ތިބޭ ތިބުމަކީވެސް އެދަރިވަރަށް އެހީތެރިވުމަށް ހުރި ހުރަހެއް ކަމުގައެވެ.
·        ކްލާހުގެ ހާޒިރީންނާއި ، ކްލާސްޓީޗަރުގެ އިންޓަވިޔުއިން ދަރިވަރު ގަވައިދުން ސްކޫލަށް ހާޒިރުނުވާކަމާއި، ގޭގައި ކުރަން ދެވޭ މަސައްކަތް އެއްގޮތަކަށްވެސް ނުނިންމާކަން ފާހަގަ ކުރެވުނެވެ.
·        ބެލެނިވެރިޔާގެ އިންޓަވިއުއިން ފަހާގަކުރެވުނު ގޮތުގައި އޮޓިސްޓިކް އިތުރު ކުއްޖަކު މި ޢާއިލާގައި ހުރުމުން މިދަރިވަރަށް އެންމެ އެކަށީގެންވާގޮތުގައި އަޅާލުމަށް ހުރަސްތަކެއް އެބަހުއްޓެވެ.
·        ކެއުން ބުއިމަށް ގިނަވަގުތު ބެލެނިވެރިޔާ ހޭދަކުރަން ޖެހުމަކީވެސް  ހުރި ހުރަހެއްކަމުގައި ޤަބޫލު ކުރެވެއެވެ.
·        ބެލެނިވެރިޔާ ދެކޭގޮތުގައި އެފަދަ ދަރިވަރުންނަށް ވަކިން ކްލާސް ހުރެގެންނޫން ގޮތެއްގައި ކިޔަވައި ނުދެވޭނެކަމާއި، މިހާރު ލިބެންހުރި ވަސީލަތްތަށް ފުރިހަމަޔަށް ބޭނުންކުރިޔަސް ބެލެނިވެރިޔާ އެންމެ ހިތްހަމަ ނުޖެހޭކަމާއި، ބެލެނިވެރިޔާގެ އެއްވެސް އުއްމީދެއް ނެތި މާޔޫސް ވެފައި ހުރިކަން އިންޓަވިއުއިން ފާހަގަ ކުރެވުނެވެ.
·        މިދަރިވަރު އެހެން ދަރިވަރުންނާ ވަކިން (އާންމު ދަރިވަރުނާ ވަކިން ކިޔަވައިދިނުން) ގެންގުޅުމުގެ ޚިޔާލު ބެލެނިވެރިޔާގެ ހުރިކަން އެއީވެސް ފާހަގަކުރެވުނު ހުރަހެކެވެ.
·        މިދަރިވަރު ގިނަ ވަގުތު ސްކޫލުގައި ހޭދަކުރަން ބޭނުން ނުވުންވެސް ހުރަހެއްކަމަށް ފާހަގަކުރެވެއެވެ. 
·        ސްކޫލަށް ބަލާއިރު އެފަދަ ދަރިވަރުންނަށް ފަސޭހައިން އެކްސެސް ލިބޭގޮތަށް އިމާރާތަށް ހެދިފައިނުވާކަން ފާހަގަ ކުރަމެވެ. މިގޮތުން ފާޚާނާ ކްލާހާ ފުދޭވަރަކަށް ދުރުގައިހުރުމާ، ލައިބްރަރީ، ކޮމްޕިޔުޓަރ ލެބޯޓްރީ ފަދަ ތަންތަންވެސް ކްލާހާ ދުރުގައި ހުރުމަކީ ދަރިވަރުގެ ކިޔެވުމަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާނެ ކަންކަމެވެ.
·        އެފަދަ ދަރިވަރުންނަށް ޚާއްޞަ ކަރިކިޔުލަމެއްނެތްކަން ވެސް ފާހަގަކުރެވެއެވެ.

މި ޕްރޮގްރާމުގެ މަޤްޞަދު
1    . އިންޓަރވެންޝަން  ޕްރޮގްރާމުގެ ފުރަތަމަ ހަތަރު ހަފުތާ ނިމިގެން ދާއިރު  ދަރިވަރުގެ އަސާސީ ތިން ބޭނުމެއް އެދަރިވަރު އަމިއްލައަށް މުދައްރިސައް ހުށަހެޅުން.
2       . ހަތަރު ހަފުތާގެ އިންޓަރވެންޝަން ޕްރޮގްރާމް ނިމުމުން ދަރިވަރު އިނގިރޭސި އަލްފަބެޓް ކެޕިޓަލް ލެޓާސްގެ ފުރަތަމަ ހަ އަކުރު މުދައްރިސް ކިޔައިދިނުމުން ރަނގަޅަށް ލިޔުން.

ދަރިވަރުގެ ޙާލަތު ރަނގަޅުކުރުމަށް ހިންގިދާނެ ކަންކަން ހިންގިދާނެ ގޮތްތައް
މި ޕްރޮގްރާމަކީ 4 ހަފްތާގެ ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ފެށުމުގެކުރިން ދަރިވަރުގެ ބެލެނިވެރިޔާ ، ކްލާސްޓީޗަރ އަދި އެ ކްލާހަށް ދުރުވާ އެހެނިހެން ޓީޗަރުން ހިމެނޭގޮތަށް ބައްދަލުވުންތަކެއް ބާއްވަން ޖެހެއެވެ. އަދި މި ބައްދަލުވުންތަކަށްފަހު މި ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ހުރިހާ މެޓީރިއަލްސް ހޯދާ ތައްޔާރުކުރަން ޖެހެއެވެ. މިގޮތުން ހަދަން ޖެހޭ މެޓީރިއަލްސް ތަކަކީ އޭބީ ، ސީޑީ ކެޕިޓަލް ފުރަތަމަ 6 އަކުރު  އަދި ދަރިވަރުގެ އަސާސީ ބޭނުންތައް ދައްކުވައިދޭ ތަފާތު ކުރެހުންތަކެކެވެ. މިހަދާ މެޓީރިއަލްސްގެ ކޮންމެ ވައްތަރަކުން 2 ސެޓް ހެދުން ވަރަށް މުހިއްމެވެ. އެއީ ކުރިން ދެންނެވުނު ގޮތަށް ބެލެނިވެރިޔާގެ ބައިވެރިވުން މި ޕްރޮގްރާމުގައި ހިމެނުމަށްޓަކައެވެ. ބެލެނިވެރިޔާ ބައިވެރިކުރުމުގެ މަޤްޞަދަކީ ކުއްޖާ އެ 4  ހަފްތާ ތެރޭގައި މި ޙަރަކާތް ތަކުގައި ވީހާ ގިނައަކުން ބައިވެރި ކުރުމެވެ. މިޕްރޮގްރާމް ފެށުމުގެ ކުރިން ބެލެނިވެރިޔާ ހޭލުންތެރި ކުރުމުގެ ގޮތުން ގޭތެރޭގައި ކުރާނެ ބައެއްކަންކަން އަންގައި ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން ގޭތެރޭގައި ކުޅިވަރުގެ ތެރެއިން ދަރިވަރަށް މި ޙަރަކާތްތައް ގެންދާނެ ގޮތްތަކެއް ލިޔެފައި ބެލެނިވެރިޔާއަށް ޙަވާލު ކުރެވިދާނެއެވެ. މި ޕްރޮގްރާމުގައި ގެންދެވިދާނެ ބައެއް ޙަރަކާތްތަކަށް ބެލެނިވެރިޔާ އަހުލުވެރި ކުރުމުގެ ގޮތުން މި ޙަރަކާތް ފެށުމުގެ ކުރިން ޓީޗަރުން ބެލެނިވެރިޔާއަށް  އޮރިއަންޓޭޝަނެއް ދިނުމަކީ ވަރަށް މުހިއްމުކަމެކެވެ. މައިގަނޑު ގޮތެއްގައި ބެލެނިވެރިޔާގެ ޙަރަކާތް ހިންގާނީ ގޭގައި ދަރިވަރު ހުންނަ ވަގުތުތަކުގައެވެ. އެހެން ނަމަވެސް ސްކޫލް ބަންދު ދެ ދުވަހު ފުޅާ ދާއިރާއެއްގައި މި ޙަރަކާތްތައް ބެލެނިވެރިޔާއަށް ގެންދެވިދާނެއެވެ. މިހެން މިކަން ކުރަން ބޭނުންވީ ދަރިވަރު ވީހާވެސް ގިނައިން މިކަމުގެ ތެރޭގައި ޙަރަކާތްތެރިކޮށް ގެންގުޅުމަށްޓަކައެވެ. މި ޕްރޮގްރާމް ރޭވުމުގައި އަޅުގަނޑު ބަލާފައިވާނީ ދަރިވަރުގެ ކްލާހުގެ އެހެން ދަރިވަރުންނަށް ކިޔަވައިދޭ ގަޑީގެ ތެރޭގައި މި ޙަރަކާތް ގެންދިއުމަށެވެ. މި ޙަރަކާތުގައި ކްލާހުގައި ތިބޭ އަވަހަށް މަސައްކަތް ނިންމާ ދަރިވަރުން މިދަރިވަރަށް އެހީތެރިވުމަށް ބައިވެރި ކުރެވިދާނެއެވެ. މިފަދަ ދަރިވަރުން ބައިވެރިކުރާނީ ގުރޫޕް ޙަރަކާތްތައް ގެންދިއުމުގައެވެ. ނުވަތަ ޕެއަރ ހަރަކާތްތަށް ގެންދިއުމުގައެވެ. ގްރޫޕް ޙަރަކާތެއްގެ ގޮތުގައި ގެންދެވިދާނެ ޙަރަކާތަކީ  އަސާސީ ބޭނުންތައް ފެންނަހެންހުރި ކުރެހުންތަކެއް ، އެތެރެ ނުފެންނަ ފުޅިއަކަށް އެޅުމަށް ފަހު އެފުޅިން ނަގާ ކުރެހުން ގްރޫޕުގައި ޕެއާރ މަސައްކަތެއްގެ ގޮތުގައި އެހެން ދަރިވަރުން މައިމްކޮށް  ދެއްކުމުން އެ ކުރެހުމުގައިވާ ކަމެއް ޕްރޮގްރާމް ގައި ބައިވެރިވާ ދަރިވަރު ބުނެދިނުމެވެ. މިދެންނެވި ކުރެހުންތައް ގްރޫޕުގައި ދައުރުވާގޮތަށް ކުރިއަށް ގެންދެވިދާނެއެވެ. މިފަދަ ތަފާތު ކުރެހުން ތަފާތު ދުވަސްމަތީން ބޭނުން ކުރެވިދާނެއެވެ.މިފަދަގޮތަކަށް އެކި ދުވަހު އެކިތަފާތު ގެނައުމަކީ މުހިއްމުކަމެކެވެ.
 މިދަރިވަރަށް ގެންދާނެ ޙަރަކާތްތަކަށް އެދަރިވަރު ކިޔަވަމުންދާ ކްލާސްރޫމް ތައްޔާރުކުރަން ޖެހޭނެއެވެ. މިގޮތުން ކްލާހުގެ ފާރުތަކުގައި އިނގިރޭސި އަލްފަބެޓް ފުރަތަމަ 6 އަކުރު (ކެޕިޓަލްކޮށް) ބޮޑުކޮށް ސޮފްޓް ބޯޑުގައި ހެދުމަށްފަހު ކްލާހުގެ އެކި ސަރަހައްދު ތަކުގައި ހަރުކުރެވިދާނެއެވެ.  އަދި އެއާ ގުޅޭ ކުރެހުންތައްވެސް އެއަކުރަކާ ގުޅޭގޮތުން ހަރުކުރެވިދާނެއެވެ. (މިސާލަކަށް އޭ އަކުރު ހަރުކުރާއިރު އޭއިން ފެށޭ ދަރިވަރު އެންމެ ގަޔާވާ ވައްތަރު ވައްތަރުގެ ކާނާ ތަކުގެ ފޮޓޯ އަދި މީގެ އިތުރުން ކްލާހުގެ އެކި ސަރަހައްދު ތަކުގައި ދަރިވަރު އެދޭނެ އަސާސީ ބޭނުން ދައްކުވައިދޭ ފޮޓޯތައްވެސް ހަރުކުރެވިދާނެއެވެ.  ހަރުކުރެވޭ ފޮޓޯވެސް ހުންނަންވާނީ ގިނައިން ސުވާލު އުފެއްދޭ ކަހަލަ ފޮޓޯއެވެ. މިގޮތުން ކުއްޖާ އެންމެ ކާހިއްވާ އެކައްޗެއް އެއީ ކުކުޅުބިސް ކަމުގައިވާނަމަ ، ކުކުޅުބިސް ގަނެގެން ދާ މީހަކު ފޮޓޯއަކުން ދެއްކިދާނެއެވެ. އަދި ހަމަ އެއާ ޖެހިގެން އެހެން ބިސްތައް ތަޅައިގެން ދާމަންޒަރު ސިފަވެގެންދާ ގޮތުގެ ފޮޓޯއެއް ބެހެއްޓި ދާނެއެވެ. މިފަދަގޮތަކަށް ރޭވުންތެރިކަމާއިއެކެ ކަންކަމާމެދު ގިނަ ސުވާލު އުފައްދާ، އެއިގެ ޖަވާބު ދަރިވަރުގެ ކިބައިން ހޯދުމަށް މަސައްކަތް ކުރެވޭނެފަދަ ގިނަ ސުވާލު އުފެއްދޭ ކަހަލަ ބައިވަރު ކުރެހުންތަކެއް ހޯދިދާދާނެއެވެ.) މީގެ އިތުރުން ކޮންމެ އަކުރަކާ ކުރެހުމަކާ ދިމާލުގައި ވެލްކްރޯ ހަރުކުރެވިފައި ހުންނަން ވާނެއެވެ. އެއީ އެދަރިވަރު ކުރާ ބައެއް މަސައްކަތުގައި ބޭނުންކުރާ މެޓީރިއަލް އަކީ ވެލްކްރޯ ހަރުކުރެވިފައިވަ މެޓީރިއަލްކަމަށް ވާތީ އެއަކުރަކާ ދިމާލުގައި ހަރުކުރުމުގެ ބޭނުމުގައެވެ. އަދި ހަރުކުރަމުން އެއީ ކޮން އެއްޗެއްކަން ދަރިވަރުގެ ދުލުން ބުނުވުމަށް ޓީޗަރު ބާރުއެޅުމަކީ ވަރަށް މުހިއްމުކަމެކެވެ. އަޅުގަޑު ޕްރޮގްރާމަށް ހޮވިދަރިވަރަކީ  ހެލިފެލިވުމުގެ އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައި ނުވާދަރިވަރެކެވެ. އެހެންކަމުން އެދަރިވަރު ލައްވާ ފޫހިކަމެއްނެތި  ކުރެވޭ ތަފާތު މަސައްކަތް ކްލާހުގައި ޑިސްޕްލޭ ކުރެވޭނެއެވެ. މިގޮތުން ސެޓްތަށް ތަފާތު ގޮތްގޮތަށް ހެދިދާނެއެވެ. އެއީ ސޮފްޓްބޯޑު ބޭނުންކޮށްގެންނާއި ބޯކަރުދާހުން އަދި މީގެ އިތުރުން ލަކުޑި ބޭނުންކޮށްގެންވެސް މެޓީރިއަލްސް ހެދިދާނެއެވެ. އަދި ލަކުޑިން ހަދާފާހުންނަ ފޮފަ ނަގާފާހުންނަ ރާވާސެޓްވެސް މިކަމުގައި ބޭނުން ކުރެވިދާނެއެވެ. ކޮންމެ ދުވަހަކުވެސް އެކްޓިވިޓީ ތަފާތުކޮށްލުން މުހިއްމެވެ. އަޅުގަނޑު އިޚްތިޔާރުކުރި ދަރިވަރަކީ ފެނާ ވެއްޔާ ކުޅުމަށް ވަރަށް ޝައުޤު ހުންނަ ދަރިވަރެކެވެ. އެހެންކަމުން ބާލިދީއެއްކަހަލަ އެއްޗަކަށް ފެންއަޅާ ސައިބޮނިފަދަ އެއްޗެއް ގިރުވާ، ކުރިން ދެންނެވުން ލަކުޑި އަކުރުތައް ބާލިދީ ތެރެއަށް އަޅައިގެން ފަހަރަކު އަކުރެއް ނެގުމަށް ދަރިވަރަށް އިރުޝާދު ދެވިދާނެ އަދި ނެގުމަށްފަހު ފޮތިގަނޑަކުން ފޮހެލާފައި ކުލާހުގަ ހުރި ގުޅުންހުރި ދިމަދިމާލުގައި ކުއްޖާ ލައްވާ ތަތްކުރެވިދާނެއެވެ. އަދި ކްލޭ ބޭނުންކޮށްގެން މިއަކުރުތަކުގެ މޮޑަލްސް ހަދަންވެސް ދަސްކޮށް ދެވިދާނެއެވެ. އަދި ކަރުދާހުގައި ހަދާފައިވާ  އަކުރުތަކާ، އަސާސީ ބޭނުންތަކުގެ ކުރެހުންތައް ކެފުމުގެ ފުރުސަތުވެސް ދެވިދާނެއެވެ. ކެފުމުގައި ކުލާހުގައި މަސައްކަތް އަވަހަށް ނިންމާ ދަރިވަރުންވެސް ބައިވެރި ކުރެވިދާނެއެވެ. ކެފުމަކީ މިދަރިވަރު ވަރަށް ޝައުޤު ހުންނަކަމެކެވެ. މިޕްރޮގްރާމުގައި މިފަދަ ތަފާތު ތަކެތި އަދި ޙަރަކާތްތައް ބޭނުންކުރެވިދާނެއެވެ. މިޕްރޮގްރާމުގެ ފުރަތަމަ 2 ހަފުތާ ނިންމާލުމަށްފަހު ، މިޕްރޮގްރާމުގެ ހަރުދަނާ އަދި ބަލިކަށި ކަންތައްތައް ވަރަށް ރަނގަޅަށް ފާހަގަކޮށް ކުރިއަށް އޮތް ދެ ހަފްތާއަށް އެކްޓިވިޓީއަށް ބަދަލު ގެންނަން ޖެހޭނަމަ އެބަދަލެއް ގެންނަށް ޓީޗަރަށް ޖެހޭނެއެވެ.  އަދި ފުރަތަމަ ދެ ހަފުތާ ނިމޭއިރު އެކްޓިވިޓީ ގެންދާ ސްޕީޑްވެސް ބަދަލްކުރުމަކީ މުހިއްމުކަމެކެވެ. ކުރިއެރުން ލިބިފައިވާނަމަ އިތުރުކުރުން އަދި ކުރިއެރުން ލަސްނަމަ ސްޕީޑް ލަސްކޮށްލުން މުހިއްމުކަމަށް ފެނެއެވެ. މަތީގައި ދެންނެވުނު ހަރަކާތް ތަކަކީ  ޕެކްސިސްޓަމް ނުވަތަ ޕިކްޗަރ އެކްސްޗޭންޖް ކޮމިޔުނިކޭޝަން ސިސްޓަމް ބޭނުންކުރުމުގެ   ބައެއް ޙަރަކާތެވެ. ބައެއް ދިރާސާވެރިން ދެކޭގޮތުގައި ޕެކް ބޭނުން ކުރުމުން ކުއްޖާގެ އަޑުއެހުމުގެ ހުނަރު
ޕެކްސިސްޓަމުގެ ކުރެހުންތަށް ބެހެއްޓިދާނެ ގޮތެއް
ތަރައްޤީވެއެވެ. އަދި ކުއްޖާގެ އަތްފައި ޙަރަކާތްކުރުންވެސް ތަރައްޤީވެއެވެ. (Siegl 2000,Yamall 2000)  އަދި މީގެ އިތުރުން ޕެކް ސިސްޓަމުގެ ސަބަބުން "ކުދީންގެ ވާހަކަ ދެއްކުމުގެ ހުނަރާ ، އަޑުއެހުމުގެ ހުނަރު ތަރައްޤީ ކުރުވާނެއެވެ. ޕެކް ސިސްޓަމުގެ ސަބަބުން  ކުއްޖާގެ އިޖުތިމާޢީ ގުޅުން ބަދަހިވެގެންދާނެއެވެ. އަދި އައި ކޮންޓެކްޓް ކުރުންވެސް ތަރައްޤީވެގެންދާނެއެވެ."  (Body and Frost 1994)
ދަރިވަރުގެ އަސާސީ ބޭނުންތައް ބުނުވުމަށް ޓަކައި ގެންދެވިދާނެ ޙަރަކާތަކީ  ޝެއަރިން ޓައިމްއެވެ.  މިސާލަކަށް އިއްޔެ ސްކޫލުން ގެއަށް ދިއުމަށްފަހު ކުރި  ކަންތައްތައް އެ ދަރިވަރު ލައްވާ ކިޔުއްވިދާނެއެވެ. އަދި ތަފާތު ސުވާލު ކުރިމަތިކޮށްގެން ގިނަ ޖަވާބުތަކެއް އެދަރިވަރުގެ ފަރާތުން ހޯދިދާނެއެވެ. އަދި އެހޯދުނު ކަންކަން ކުރެހުމަށްފަހު އިތުރަށް ތަކުރާރުކޮށް ސުވާލު ކުރެވިދާނެއެވެ.  މި ޙަރަކާތް ކޮންމެ ދުވަހަކުވެސް ގެންދެވިދާނެއެވެ. އަދި މި ޙަރަކާތް ބެލެނިވެރިޔާ ގޭތެރޭގައިވެސް  ގެންދެވިދާނެއެވެ. ބެލެނިވެރިޔާގެ ޝެއަރިން ޓައިމްގައި ގެންދަވާނީ ސްކޫލުގެ ހަރަކާތްތަކަށް ބިނާކޮށް ސުވާލުކޮށްގެންނެވެ.
 
ސްޓޯރީ ޓައިމް
މިކަމަކީ ކޮންމެ ދުވަހަކުވެސް ކްލާސްތެރޭގައި ގެންދެވިދާނެ ޙަރަކާތެކެވެ. މި ޙަރަކާތް ގެންދިއުމުގައި އެކި ދުވަހު އެކިކަންކަމަށް އަމާޒުކުރެވިގެން ގެންދެވިދާނެއެވެ. މިސާލަކަށް އިނގިރޭސި އަލްފަބެޓް ގެންދާދުވަހެއްގެ ސްޓޯރީގައި އަލްފަބެޓް ހިމެނޭ ކެރެކްޓާރސް ހިމަނައިގެން ގެންދެވިދާނެއެވެ. ސްޓޯރީ ޓައިމް ގެންދިއުމުގައި އެދުވަހުގެ ފިލާވަޅާ ގުޅޭފަދަ ގޮތަކަށްވެސް ސްޓޯރީތައް ބައްޓަން ކުރެވިދާނެއެވެ. އިނގިރޭސި ، ދިވެހި ، ހސާބު މިމާއްދާތަކުގައި ސްޓޯރީ ޓައިމް ގެންދާއިރު މިދެންނެވި ދަރިވަރަށް އަމާޒުކޮށްގެން ލެވަލް ދަށް ބައެއް ކޮންމެ ދުވަހެއްގެ ސްޓޯރީ ޓައިމްގައި ހިމެނިދާނެއެވެ. ހަމަ އެއާއެކު ދަރިވަރަށް ފުރުޞަތު ދެވޭނެގޮތަކަށް މިކަން ރޭވިދާނެއެވެ. ދަރިވަރަށް ގިނަގިނައިން ވާހަކަދެއްކުމުގެ ފުރުޞަތު ދިނުމަކީ މިދަރިވަރުގެ މުހިއްމު ބޭނުންތައް ބުނެލުމަށް ދެވޭ ހިތްވަރަކަށްވާނެއެވެ.

ރޯލްޕްލޭ
އިނގެރޭސި، ހިސާބު، ދިވެހި މިމާއްދާތަކުން އެންމެ ސީންއެއް ހިމެނޭ ގޮތުން ގްރޫޕް ޙަރަކާތެއްގެ ގޮތުގައި ރޯލްޕްލޭ ހުށައެޅުމުގެ ފުރުޞަތު މިދަރިވަރު ޝާމިލްވާގޮތަށް ދެވިދާނެއެވެ. ރޯލުޕްލޭގެ ސަބަބުން މިދަރިވަރުގެ ވާހަކަދެއްކުމުގެ ބަޔަށް ކުރިއެރުން ލިބިގެން ދާނެކަމީ ގަބޫލުކުރެވޭ ކަމެކެވެ. މިސާލެއްގެ ގޮތުން ފިހާރައެއްގެ ސޭޓާ، ފިހާރައަށް ތަކެތި ގަންނަން ދާ ފަރާތަކާ ދެކެވޭނެވާހަކަ ، ޓީޗަރަކާ ދަރިވަރަކާ ދެކެވޭނެ ވާހަކައެވެ. މިވާހަކައިގެ ތެރެއިން ފާހާނާއަށް ދާން ، ފެންބޯންދާން އެހުމުގެ މަގުތަނަވަސްވާގޮތަށް ޑައިލޮގު ތައްޔާރުކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. މަންމަޔަކާ ނުވަތަ ބައްޕައަކާ ދަރިފުޅާ ދެމެދުގައި ދެކެވޭ ވާހަކަތަކުގެ ކުދިކުދި ޑައިލޮގު ބޭނުންކޮށްގެން ރޯލްޕްލޭ ގެންދެވިދާނެއެވެ.
 ރިފަރެންސް ލިސްޓް
http://www.autism-india.org/afa_journalindex.html. (2002, 10 5). Retrieved from Journal of Autism and Developmental Disorders,: http://www.autism-india.org/afa_journalindex.html

 Source: Marsh, C.J. (1996). Handbook for Beginning Teachers. South Melbourne Longman

Rizna, A. (2014, 1 11). http://dhiislam.com/74418#sthash.tlXbkL7p.dpuf. Retrieved from http://dhiislam.com/74418#sthash.tlXbkL7p.dpuf

Source: Woolfolk, A. (2010). Educational Psychology (11th ed.). Upper Saddle River, NJ: Pearson

އެޕެންޑިކްސް
ބެކްގްރައުންޑް މައުލޫމާތު ހޯދުމަށްޓަކައި ބަލެނިވެރިޔާ، ސްކޫލުގެ ޓީޗަރު  އަދި  ގުޅުން ހުރިފަރާތްތަކާ ކުރެވުނު ސުވާލުތަށް
1.      ކުއްޖާގެ ކިބައިން ފާހަގަކުރެވޭ ރަނގަޅުކަންތައްތައް/ޤާބިލް ކަންތައްތަކަކީ ކޮބާ؟
2.      ކުއްޖާގެ ހެލިފެލިވެ އުޅުމުގައި އެއްވެސް އުނދަގޫ ކަމެއް ހުރިތޯ؟
3.      ކުއްޖާ މީހުންނާ މުޢާމަލާތު ކުރަނީ ކިހިނެއް؟
4.      ވާހަކަ ދައްކަމުން ދާއިރު ބޭނުމެއް ނެތްގޮތުގައި ބަސްތައް ތަކުރާރު ކުރޭހެއްޔެވެ؟
5.      އާދަވެގެން ކަންތައްތައް ކުރާގޮތްނޫން އެހެންގޮތަކަށް ކަންތައްތައް ކުރަންވެއްޖެނަމަ ކުއްޖާއަށް އުނދަގޫތައް ކުރިމަތިވާގޮތް ވޭހެއްޔެވެ؟
7. ކުއްޖާގެ ހިއްސުތަކުގެ ތެރެއިން (އަޑުއެހުން، ފެނުން، ވަސްދުވުން، އިހުސާސްވުން ) މިއިން އެއްވެސް ހިއްސެއް ބާރުގަދަ ކަމަށް ފާހަގަ ކުރެވޭހެއްޔެވެ؟
8. އެފަދަ ކަމެއް ފާހަގަ ކުރެވިފައިވާނަމަ، ކުއްޖާގެ ހިއްސުތަކުގެ ތެރެއިން އެންމެ ބާރުގަދަކަމަށް ފާހަގަކުރެވިފައިވާ ހިއްސުތަކަކީ ކޮބާ؟
9. ކުއްޖާގެ ކިބައިން ނުކުޅެދުންތެރިކަން ފާހަގަކުރެވިފައިވަނީ ދަރިފުޅުގެ އުމުރުން ކިހާ ހިސާބެއްގައި؟
10. މިކަން ފާހަގަ ވުމުން (ނުކުޅެދުންތެރިކަން) އެކަން ރަނގަޅުކުރުމަށްޓަކައި ކުރެވުނު ކަންތައްތަކަކީ ކޮބާ؟
11. ހިނގަން ފެށީ ކޮންދުވަސްވަރެއްގައިތޯ؟
12. ވާހަކަ ދައްކަންފެށީ ކޮންދުވަސްވަރެއްގައި؟
13. އެހެން ކުދިންނާ ގުޅުން ހުންނަނީ ކިހިނެއްތޯ؟
14. ކުއްޖާއަށް އަމިއްލައަށް ކުރެވޭ ކަންތައް ތަކަކީ ކޮބާ؟ ( ދަތްއުންގުޅުން، ފެންވެރުން، ބޫޓަށް އެރުން..)
15 ބެލެނިވެރިޔާގެ އެހީތެރިކަމާއެކު ކުރެވޭ ކަންތައްތަކަކީ ކޮބާ؟
16. މުޖުތަމަޢުގެ ތެރެއިން  ކުރިމަތިވާ ފުރައްސާރަތަކަކީ ކޮބާ؟ އަދި ކުލާސް ރުމޫގެ ތެރެއިން ދިމާވާ ކަންތައްތަކަކީ ކޮބާ؟
17. ސްކޫލުން ކުއްޖާއަށް އަޅާލާ އެހީތެރިކަން ދެވޭ މިންވަރަކި ކޮބާ؟
18. ކުއްޖާގެ ފެންވަރާގުޅޭގޮތުން މަސައްކަތްތައް ސްކޫލުން ހަވާލުކުރޭހެއްޔެވެ؟
19. ނުކުޅެދުންތެރިކަން ހުންނަ ދަފްތަރުގައި ކުއްޖާ ރަޖިސްޓްރީ ކުރެވިފައިވޭތޯ؟
20. ޕްރީ ސްކޫލް މަރުހަލާގައި އެ ކުއްޖާއަށް އަޅާލެވިފައިވާ މިންވަރަކި ކޮބާ؟

1 comment: